ބޮލިހަބީބު ހިންގާ ކަސްޓަމު ކެންޓީނުގައި މުޅަވެފައި ހުންނަ ހެދިކާ ވިއްކަނީ...
ކާނިވަލުގައި ހިންގާ ޑޮލްފިންކެފޭ އާއި ކަސްޓަމު ކެންޓީނާއި ޣިޔާސުއްދީނު ސްކޫލްގެ ކެންޓީނު ބޯއީކޮޓް ކުރައްވާ! 



ކަސްޓަމް އިމާރާތުގައި ހުންނަ ކެންޓީނު ނުވަތަ ސައިހޮޓާ މިހާރު ހިންގަނީ މަހާޗޯރު އިލިޔާސް ބުއްދާގެ ބޯއީ އަންދަރުބާހަރު ބޮލިހަބީބުއެވެ. ބޮލިހަބީބުއަށް ކަސްޓަމު ކެންޓީނު ކުއްޔަށް ދީފައިވަނީ ކަނޑައެޅިގެން ގަވާއިދާ ޚިލާފަށްކަމަށާއި، އެތަނަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ބޮލި ހަބީބުއަށްވުރެ ހުރިހާ ގޮތަކުންވެސް ޤާބިލް އަދި ބޮޑެތި ކުލިތައް ހުށަހަޅާފައިވާ ފަރާތްތައް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފެށުނީއްސުރެވެސް ކަސްޓަމު ކެންޓީނު ބެލެހެއްޓުމުގެ ކަންތައްތައް ކަސްޓަމުގެ ފަރާތުން ކުރަނީ ކަސްޓަމުގައި އޮންނަ 'ކަސްޓަމް ރެކްރިއޭޝަން ކްލަބް' (ސީއާރުސީ) އެވެ. ނަމަވެސް ކަސްޓަމް ކެންޓީނު ހިންގުން ބޮލިހަބީބުއާ ހަވާލުވުމަށްފަހު މިހުރިހާކަމެއްވެސް މިވަނީ ބަދަލުވެފައެވެ.

އޮނަރަބްލް މުހައްމަދު ނަޝީދުއަކީ ގާރޫނު ގާސިމުގެ ތައްޕާހަށް ވެއްޓިވަޑައިގަންނަވާނެ ބޭފުޅެއްނޫން!
ގާރޫނު ގާސިމުގެ ރަނިންގމޭޓްކަމުގެ މަގާމު އޮނަރަބްލް މުހައްމަދު ނަޝީދުއަށް ހުށަހަޅުއްވައިފި 



ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާރޫނު ގާސިމުގެ ރަނިންގމޭޓްކަމުގެ މަގާމު މަޝްހޫރު ގާނޫނީ ވަކީލު އަދި ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އޮނަރަބްލް މުހައްމަދު ނަޝީދުއަށް ހުށަހަޅުއްވައިފިއެވެ. މައުމޫނުގެ ސަރުކާރުގެ އިންފޮމޭޝަން، އާޓްސް އެންޑް ލީގަލް ރިފޯމް މިނިސްޓަރ އޮނަރަބްލް ނަޝީދު ވަނީ ގާރޫނު ގާސިމުގެ މިހުށަހެޅުމަށް ވަގުތުން އިންކާރު ކުރައްވާ، ގާރޫނު ގާސިމުގެ ރަނިންގމޭޓްގެ މަގާމު ދުވަހަކުވެސް ބޭނުންފުޅުނޫންކަމަށް ވިދާޅުވެފައެވެ. ޖުމްހޫރީޕާޓީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާރޫނު ގާސިމު ބުނެފައިވަނީ ރަނިންގމޭޓްކަމުގެ މަގާމު ބޭނުންވެގެން އެދިފައިވާ 10 މީހުންގެ ލިސްޓެއް އޭނާގެ އަތުގައި އޮތްކަމުގައެވެ. މިއީ ހިތުން ގާރޫނު ގާސިމުގެ މަގްބޫލްކަން އޮތް މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމުގެ މަކަރުވެރި މަގްޞަދުގައި ގާރޫނު ގާސިމު ދައްކާފައިވާ ވާހަކައެކެވެ.

އުމަރު ނަޞީރުއާ ދެކޮޅަށް އައިޑީޕީގެ މެމްބަރުން ތެދުވެއްޖެ


ރާއްޖޭގެ 3 ވަނައަށް އެންމެ މެމްބަރުން ގިނަކަމަށް ދައުވާކުރާ ޕާޓީ، އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) ގެ މެމްބަރުން، އެޕާޓީގެ ހުދުމުޚުތާރު ރައީސް އުމަރު ނަޞީރުއާ ދެކޮޅަށް ތެދުވެއްޖެއެވެ. އައިޑީޕީގެ ކައުންސިލްގައި ހިމެނޭ މެމްބަރުންތަކެއް ޕާޓީގެ ރައީސްއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ޕްރިންޓް މީޑިޔާގައި ވާހަކަ ދައްކާފައިވަނީ އިންތިގާލީ އިލެކްޝަން ކޮމިޝަނަށް ޖުމްހޫރީޕާޓީގެ މެމްބަރަކު އައިޑީޕީން ހުށަހެޅުމާއި ގުޅިގެންނެވެ. އިންތިގާލީ އިލެކްޝަން ކޮމިޝަނަށް އައިޑީޕީގެ ފަރާތުން ހުށަހަޅާފައިވަނީ ޖުމްހޫރީޕާޓީގެ މެމްބަރު އަދި ވިލާ ކުންފުނީގެ މުވައްޒަފެއްކަމުގައިވާ މަނާގޭ އަލީ ފާއިޒުއެވެ.

ގާރޫނު ގާސިމުގެ ރަނިންގމޭޓަކަށް ބޭނުންވަނީ 'ހަތަރުކަށިމަތި މާލޭ ބޭފުޅެއް'


އޯގަސްޓް މަސް ނިމުމުގެ ކުރީން ގާރޫނު ގާސިމުވެސް ރަނިންގމޭޓަކު ގޮވައިގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފައްޓާނެކަމަށް ވަނީ ވަޢުދުވެފައެވެ. އެންމެފަހުން ޖުމްހޫރީޕާޓީގެ ފަރާތުން 'ފަންސަވީސް' ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާރޫނު ގާސިމުވަނީ އޭނާގެ އާދައިގެ މަތީން 'އަޗާ ތަޅާލުމަށް' ވަރުގަދަ އަޅިއެއް ކަނޑާލާފައެވެ. މިގޮތުން ތިމަންނާގެ ރަނިންގމޭޓެއްގެ މަގާމަށް 10 މީހަކު އެދިފައިވާކަމަށް ވަނީ ބުނެފައެވެ.

އަދާލަތުޕާޓީގެ 'ދަރަނި' އަދާކުރުމަށް ނިންމައިފި


ގިނަ އަދަދެއްގެ ދީނީ ޝައިޚުންތަކެއް ތިބިކަމަށް ބުނާ އަދާލަތުޕާޓީއަކީ އިދިކޮޅުޕާޓީތަކުން ގާއިމްކޮށްފައިވާ އިއްތިހާދުގެ މެމްބަރު ޕާޓީއެކެވެ. ނަމަވެސް އަދާލަތުޕާޓީންވަނީ އިއްތިހާދުގެ ގިނަ ކަންތައްތަކަށް އެއްބަސްނުވެ، ވަކި ގޮތަކަށް ކަންކަން ނިންމުމުގެ ބަދަލުގައި 'ދީނީ މަޖިލީހުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ' ކަމަށް ބުނެ ބަހަނާ ދައްކަމުން ގެންގޮސްފައެވެ. އަދާލަތުޕާޓީން ކަންކަމުގައި ގޮތް ނިންމަން ނުކެރިގެން އުޅެނީ ދީނީ މަޖިލީހުން ވަކި ގޮތެއް ނުނިމިގެން ނޫންކަމާއި، އެކަމުގެ ފަހަތުގައި އޮތް ސިއްރަކީ، އެންމެން ދަންނަ 'ބޮޑު ސިއްރެއް' ކަން އެއީ ހަގީގަތެކެވެ.

އަލްމަރްހޫމް އޮނަރަބްލް އިބްރާހިމް ޝިހާބުގެ އަގުހުރި ނަޞޭހަތްކޮޅެއް


މ.ބަގީޗާގޭ އަލްމަރްހޫމް އޮނަރަބްލް އިބްރާހިމް ޝިހާބުއަކީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސަރުކާރާއި 2 ވަނަ ސަރުކާރުގައިވެސް ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށާއި ގައުމަށް ވަރަށް ވަފާތެރި ރައްޔިތުންނަށް ތެދުވެރި އިޚްލާސްތެރި ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވި މަގާމުތަކުގެ ތެރޭގައި އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ އިތުރުން ދިވެހިރާއްޖޭގެ ނައިބުރައީސްކަމުގެ މަގާމު ފަދަ ޒިންމާދާރު އިސް މަގާމުތައް ހިމެނެއެވެ. އަލްމަރްހޫމް ޝިހާބު މިއަދު އަޅުގަނޑުމެންގެ ގާތުގައި ނެތް ނަމަވެސް، އެމަނިކުފާނު އެކިއެކި މުނާސަބަތުތަކުގައި ދެއްވާފައިވާ އަގުހުރި ތަގުރީރުތަކަކީ އެތަކެތި ބަލާ އަޑުއަހާ ބަޔަކަށް ނުހަނު އިބުރަތްތެރި ތަކެއްޗަށްވާނެއެވެ.

ޖުމްހޫރީޕާޓީ:: ހުދުމުޚުތާރުކަމާއި ވަކި މީހަކަށްޓަކައި ޑިމޮކްރަސީ ޤުރުބާންކުރުމުގެ ނަމޫނާ މިސާލެއް
ޖުމްހޫރީޕާޓީން ތާއީދުކުރަނީ ކުޑަކާފު-ބޮޑުކާފު އިންތިޚާބަކަށްކަން ޘާބިތުވެއްޖެ 



ޖުމްހޫރީޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އެޕާޓީގެ ރައީސް ނުވަތަ ރިޔާސީ ކެންޑިޑޭޓަކު އިންތިޚާބު ކުރުން ބޭއްވޭނެކަމަށް ވަނީ ހާމަކޮށްފައެވެ. ޖުމްހޫރީޕާޓީއަކީ އެޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ ހިތު ނިޔަތްގަތް ދުވަހުން ފެށިގެންވެސް، ސީދާ ވަކި މީހަކަށްޓަކައި ވަކި މީހަކަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމުގެ މަގްޞަދުގައި އުފައްދާ ޕާޓީއެއްކަން އެންމެންނަށްވެސް އޮތީ ޔަގީން ކުރެވިފައެވެ. އެއީ އިތުރު ތަފްޞީލަކަށް މިހާރު ބޭނުންވާނެ ވާހަކަތަކެއް ނޫނެވެ.


ދިވެހިއޮބްޒާވަރ އެޑިޓަރު ސައްޕޭ ޖުމްހޫރީޕާޓީއަށް ސޮއިކޮށްފި


ދިވެހިއޮބްޒާވަރ ވެބްސައިޓުގެ އެޑިޓަރު މ.މާފުށީގެ އަހުމަދު ޝަފީގު އިބްރާހިމް މޫސާ (ޑީއޯ ސައްޕޭ) ޖުމްހޫރީޕާޓީއަށް ސޮއިކޮށްފިއެވެ. ސައްޕޭއަކީ މީގެ ގާތްގަނޑަކަށް ހަތަރު ނުވަތަ ފަސް އަހަރެއްހާ ދުވަސްކުރީން ފެށިގެން އިނގިރޭސިވިލާތުގައި ހުރެގެން ދިވެހިއޮބްޒާވަރުގެ ނަމުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑިޔުކިޔުމަށްޓަކައި، ވެބްސައިޓެއް ހިންގަމުން ގެންދާ މީހެކެވެ. ސައްޕޭއަކީ މީގެ ކުރީން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، އަދި އެމްޑީޕީގެ ނަމުގައި ބީބީސީ ފަދަ ބައިނަލްއަގްވާމީ ޚަބަރު ޗެނަލްތަކަށް އިންޓަވިއުތައް ދީހަދާފައިވާ މީހެކެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ލަސްކުރުމަށް ބަޔަކު މަސައްކަތް ފަށައިފި


ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވޭ މަލްޓިޕާޓީ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ބަޔަކު މަސައްކަތް ފަށައިފިއެވެ. ފެހި ގާނޫނު އަސާސީ ބުނާ ގޮތުންވިއްޔާ އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ރިޔާސީ އިންތިޚާބު ބާއްވަންޖެހޭނެއެވެ. ކުރިއަށް މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެކަމަށް ބުނެ ބަޔަކު މީހުން މިވަނީ މިހާރުވެސް ލޮބީ ކުރަން ފަށާފައެވެ. އިތުބާރު ހުރި ފަރާތަކުން ކޮއިމަލާޓީމަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިކަމުގައި އިސްވެ ހަރަކާތްތެރިވަނީ ލިބަރަލްޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބޯގަންވިލާ އިބުރާ އާއި ޖުމްހޫރީޕާޓީގެ ގާރޫނު ގާސިމުއެވެ.

ކަޅުހުކުރުގައި އިސްލާހަށް މަސައްކަތްކުރާ މީހުންނަށް ލިބުނު ކާމިޔާބުގެ ފޮނިކޮޅު ބޯލަން ގާރޫނު ގާސިމު މަސައްކަތްކުރަނީ


2004 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހަކީ އެކި ގޮތްގޮތަށް އެކި މީހުން ސިފަ ކުރަމުން އަންނަ ދުވަހެކެވެ. އެއްބަޔަކު ބުނާ ގޮތުގައި އެއީ ރާއްޖެ މިއަދު މިދެކޭ މިނިވަންކަމުގެ ފެށުން އައި ދުވަހެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އެއީ މައުމޫނު ވެރިކަމުން ވައްޓާލާ، އެންދެރިމާގެއަށް ރާއްޖޭގެ ވެރިކަން ވެއްދުމަށްޓަކައި މާކުރިއްސުރެ ރާވާފައިވާ ބަޣާވާތެކެވެ. އަނެއް ބަޔަކު ބުނަނީ އެއީ މައުމޫނުގެ ހުދުމުޚުތާރުވެރިކަން މުޅި ދުނިޔެއަށް ލައިވްކޮށް ފެނިގެން ދިޔަ ދުވަސްކަމުގައެވެ. ކޮންމެއަކަސް މިއީ 'ކަޅުހުކުރު' ގެ ނަމުން މަޝްހޫރުވެފައިވާ ދުވަހާމެދު ދިވެހިން ދެކޭ ތަފާތު ގޮތްތަކެވެ.

ޑރ.މުނައްވަރު އެމްޑީޕީން ވަކިވުން: ކޮއިމަލާގެ އަންދާޒާ ގެ ހަގީގަތް


އެމްޑީޕީގެ 2 ވަނަ ރައީސަކު ހޮވުމުގެ އިންތިޚާބު ބޭއްވުނީ 2007 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެދުވަސްވަރު ކޮއިމަލާއިން ވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނާބެހޭ ގޮތުން ޚާއްސަ ކަވަރޭޖެއް ގެނެސްދީފައެވެ. މިގޮތުން ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި ޑރ.މުހައްމަދު މުނައްވަރުއާ ބެހޭ ގޮތުން ކޮއިމަލާއިން މީގެ 14 މަސް ކުރީން، ކިޔުންތެރިންނަށް އަރިސްކުރި ވާހަކަ މިއަދު މިއޮތީ ހަގީގަތަކަށްވެފައެވެ.

ގަބޭލަތީފުއަށް މޭބިސްކަދުރު ހުތްވެއްޖެ


ހިޔަޅަށް މޭބިސްކަދުރު ހުތްވި ގޮތުގެ ވާހަކައަކީ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އިބްރަތްތެރި މަޝްހޫރު ވާހަކައެކެވެ. އެއީ އިތުރު ތައާރަފަކަށް ބޭނުންވާނެ ވާހަކައެއްނޫނެވެ. ގާރޫނު ގާސިމުގެ މުއްޕަތުން ކައިގެން ބޮއިގެން މިއުޅޭ ގަބޭލަތީފުއަށް މިއަދު މިވަނީ އެފަދަ ހާލެއް ޖެހިފައެވެ. ގާރޫނު ގާސިމު ޑީއާރުޕީގެ ނައިބު ޒައީމުގެ ގޮތުގައި ހުރިއިރު ޑީއާރުޕީ ވަރުގެ މޮޅު ޕާޓީއެއް ނެތެވެ. މައުމޫނު ވަރުގެ މޮޅު ލީޑަރަކުވެސް ނެތެވެ. ޑީއާރުޕީ ނޫނީ ރާއްޖޭގައި ސިޔާސީޕާޓީއެއްވެސް ނެތެވެ. ތިމާއަކީ ފައިސާއަށް ނަފްސު ވިއްކާނެ މީހެއްނޫނޭ ކިޔައިގެން ލެވިހާ ހަޅޭއްތައް ކޮބައިހެއްޔެވެ؟

ކޮއިމަލާގެ 2 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ


2006 އޯގަސްޓް 13 ވަނަ ދުވަހަކީ 'ކޮއިމަލާ' ވެބްސައިޓު ދުނިޔޭގެ ވުޖޫދަށް އައި އުފާވެރި ދުވަހެވެ. މިވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ކޮއިމަލާއިން މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެކޮޅުމިކޮޅު ވަރަށް ފުރިހަމައަށް ރައްޔިތުންނަށް ގެނެސްދީފައެވެ. ކޮއިމަލާއަކީ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ މުށު ތެރޭގައި ބަނދެވިފައިވާ ވެބްސައިޓެއްނޫނެވެ. ކޮއިމަލާގެ މަގްޞަދަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ޚަބަރުތައް ތާޒާކަމާއެކު ކިޔުންތެރިންނަށް ގެނެސްދިނުމާއި، ސަރުކާރުގެ އެކިއެކި ފަރާތްތަކުން ހިންގާ ފަސާދައިގެ އަމަލުތަކުގެ ހަގީގަތް ކިޔުންތެރިންނަށް ގެނެސްދިނުމާއި، ދިވެހިންނަކީ ސިޔާސީ ގޮތުން ރޯފިލާފައިވާ ހޭލުންތެރި ބައެއްކަމުގައި ހެދުމެވެ.

"މައުމޫނު 2008" ގެ ޑެޕިޔުޓީ މީޑިއާ މެނޭޖަރ އަލީ ވަހީދުއަކީ ކާކު؟


ޑީއާރުޕީގެ ރިޔާސީ ކެމްޕޭނު - މައުމޫނު 2008އާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި މުޅިން އަލަށްފެށި ސިލްސިލާ ޕްރޮގްރާމްގައި، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަރަކާތްތެރިވާ ޑެޕިޔުޓީ މީޑިއާ މެނޭޖަރ އަލީ ވަހީދުއަކީ ކާކުކަން ގިނަ ބަޔަކަށް ނޭނގި އޮވެދާނެއެވެ. އަދި އެއީ މިހާތަނަށް ޑީއާރުޕީގެ ހަރަކާތްތަކުގައި އާއްމުކޮށް ފެނިފައިވާ މޫނަކަށްނުވާތީވެ، އެއީ ކޮންތާކުން އައި، ކާކުތޯ އެއީ ފަހަރުގައި ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކަށްވެދާނެއެވެ.

ކުއްލި ޚަބަރު: ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އޮނަރަބްލް މުހައްމަދު ޝިހާބު އިންތިޚާބުވެވަޑައިގެންފި
ރައީސަކު އިންތިޚާބުކުރުމަށް ނެގުނު ސިއްރު ވޯޓުގައި ޑީއާރުޕީގައި ތިބި 4 މެމްބަރަކު ޕާޓީއާ އިދިކޮޅަށް ވޯޓުދީފައިވޭ! 



މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އައު ގާނޫނު އަސާސީގައި ބުނާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މިމަގާމަށް އިންތިޚާބުވެވަޑައިގަތީ ދާދިފަހުން ޖުމްހޫރީޕާޓީއާ ގުޅިވަޑައިގަތް މާލޭގެ އިއްޒަތްތެރި މެމްބަރު އޮނަރަބްލް މުހައްމަދު ޝިހާބުއެވެ. މުހައްމަދު ޝިހާބުއަކީ ގިނަ އަހަރުތަކެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމު އަދާކުރައްވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރިޔަސް ރައްޔިތުންނަށް ލިބުނު މަންފާއެއް ކޮބާ؟


ރައްޔިތުންގެ ޚާއްސަ މަޖިލީހުން އިސްލާހުކޮށްދެއްވި ފެހި ގާނޫނު އަސާސީއަކީ މިހާތަނަށް ދިވެހިންގެ ފަރުދީ އަދި ޖަމާއަތުގެ ހައްގުތަކާއި އެހެނިހެންކަންކަން އެންމެ ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވާ، އެންމެ ޑިމޮކްރަޓިކް ގާނޫނު އަސާސީކަމަށް ހުރިހާ ރައްޔިތުންވެސް އިއްތިފާގުވެއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުން 4 އަހަރު ދުވަހުގެ 'ކޯޅުމަކަށްފަހު' އަތްދޫކޮށްލި ގާނޫނު އަސާސީއަކީ ދުނިޔޭގެ ނިސްބަތުންވެސް ދެވަނައެއް ނެތް އެއްޗެއްކަމަށް، ޚާއްސަ މަޖިލީހުގެ ބައެއް މެމްބަރުން ބުނި އަޑު އަޅުގަނޑުވެސް އެހީމެވެ.

ދިވެހި ސިޔާސީ އުދަރެހުން އެންދެރިމާގޭ ޚާންދާނު ބާކީވެއްޖެ


ރައީސް މައުމޫނުގެ 29 އަހަރުވީ ވެރިކަމުގެ އެންމެ ކުރީގެ ދައުރުތަކުގައި، މައުމޫނަށްފަހު ރާއްޖޭގެ ވެރިކަމަށް އިސްވާނީ އެންދެރި ޚާންދާނުން މީހެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އަދި އެދުވަސްވަރު ފެތުރުނު އަޑުތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް ނާސިރު (ނޣއވ) ގެ ވެރިކަން ނިމުމަކަށް އައިސް، މައުމޫނަށް ވެރިކަން ލިބުމުގެ އަސްލަކީ، އޭރު އިބްރާހިމް ނާސިރު (ނޣއވ) ގެ އަރިސް މަގާމެއްގައި ހުރި އެންދެރިމާގޭ މަހާޗޯރު އިލިޔާސުގެ ސަބަބުންކަމަށާއި، މައުމޫނު އެއްބަސްވެފައި އޮތީ 2 ދައުރު ވެރިކަން ކުރުމަށްފަހު މަހާޗޯރު އިލިޔާސުއާ ރާއްޖޭގެ ވެރިކަން ހަވާލުކުރާ ގޮތަކަށް ކަމަށް ބުނެ، ވެރިކަމުގެ ދަހިވެތިކަމުގައި ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ގެންދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުން


އިސްލާހު ކުރެވުނު ގާނޫނު އަސާސީ ތަސްދީގުކުރުމަށްފަހު، އެގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް އައު ރައީސްއަކާއި ނައިބު ރައީސްއެއް މިވަނީ އިންތިޚާބު ކުރަންޖެހިފައެވެ. މީގެ ކުރީން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އޮނަރަބްލް އަހުމަދު ޒާހިރު (ސީނާ ޒާހިރު) އަކީ އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އިސްލާހު ކުރެވުނު ގާނޫނު އަސާސީ ގެ އިންތިގާލީ ބާބު ބުނާ ގޮތުން، ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަކީ، މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިޚާބުކުރަންޖެހޭ 2 މަގާމެވެ.

އައު ގާނޫނު އަސާސީއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުން ހަމަބިމަށް ތިރިވެއްޖެ




އޯގަސްޓް 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި އައު ގާނޫނު އަސާސީގެ ސަބަބުން، މީގެ ކުރީން މައުމޫނުގެ ސަރުކާރުން ބޮޑެތި މަގާމުތައް ދީގެން ގެންގުޅުނު މެމްބަރުންތަކެއް ހަމަ ބިމަށް ތިރިކުރެވިއްޖެއެވެ. މައުމޫނުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މައިތިރިކޮށްފައި ބޭތިއްބުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވާ އުކުޅަކީ، މެމްބަރުންނަށް ބޮޑެތި މަގާމުތައް ވެދުން ކުރުމެވެ. މިގޮތުން ސްޓޭޓް މިނިސްޓަރުކަމާއި، ޑެޕިޔުޓީ މިނިސްޓަރުކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ފަދަ ތިމާގެ ގާބިލިއްޔަތުކަމާ ގުޅުމެއްނެތް މަގާމުތައްވަނީ ވެދުންކޮށްފައެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރ މުހައްމަދު މުއިއްޒު އަދުނާނު ޖުމްހޫރީޕާޓީއާ ގުޅިވަޑައިގެންފި


އަމިއްލަ ވިޔަފާރި ކުރައްވާތީކަމަށް ވިދާޅުވެ މައުމޫނުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރ އޮނަރަބްލް މުހައްމަދު މުއިއްޒު އަދުނާނު ޖުމްހޫރީޕާޓީއާ ގުޅިވަޑައިގެންފިއެވެ. މުއިއްޒުއަކީ ޑރ.މުހައްމަދު ޖަމީލު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް ވަރަށް ފަހަކުން އިސްކުރައްވާފައިވާ ބޭފުޅެކެވެ.

ކުއްލި ޚަބަރު: އޮނަރަބްލް އަބްދުﷲ ޖާބިރު އާއި އަލްއުސްތާޛާ ފާތުމަތު ދިޔާނާ ސައީދު އާއި އޮނަރަބްލް މުހައްމަދު ޝިހާބު އަދި މުހައްމަދު އިބްރާހިމް ދީދީ ޖުމްހޫރީޕާޓީއާ ގުޅިވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ 3 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކު ޖުމްހޫރީޕާޓީއާ ގުޅިވަޑައިގެންފިއެވެ. އެއީ މާލޭގެ އިއްޒަތްތެރި މެމްބަރު އޮނަރަބްލް މުހައްމަދު ޝިހާބު އާއި، ގއ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު އޮނަރަބްލް އަބްދުﷲ ޖާބިރު އާއި، ޏ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އަދި ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މެމްބަރު އަލްއުސްތާޛާ ފާތުމަތު ދިޔާނާ ސައީދު ވަނީ މިއަދު މެންދުރު ޖުމްހޫރީޕާޓީއަށް ސޮއި ކުރައްވާފައެވެ.

ކުއްލި ޚަބަރު : އިންތިޤާލީ މަރުޙަލާ ފެށުމާއިއެކު ރާއްޖޭގެ ވަގުތީ އުއްތަމަ ފަނޑިޔާރުކަމަށް، އަޙްމަދު ފާއިޒް ޙުސައިން އިންތިޚާބުވެއްޖެ


ދިވެހިޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީ މިއަދު ތަޞްދީޤުކުރެވި، އައު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، ރާއްޖޭގެ ޢަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި، ރާއްޖޭގެ ވަގުތީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން މިއަދު މެންދުރު 12:30 ގައި އިންތިޚާބުކޮށްފިއެވެ.

މަރުހަބާ ޕީޕަލްސް އެލަޔަންސް


'ޕީޕަލްސް އެލަޔަންސް' ގެ ނަމުގައި މިހާރު މިވަނީ މުޅިން އައު ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކުރެވިފައެވެ. މިފުރުޞަތުގައި އެންމެ ފުރަތަމަވެސް ޕީއޭގެ އިއްޒަތްތެރި ރައީސް އޮނަރަބްލް އަބްދުﷲ ޔާމީނު އަށާއި ޕީއޭގެ ވަގުތީ ކައުންސިލްއަށާއި ޕާޓީގެ އެންމެހާ ލޮބުވެތި މެމްބަރުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު، ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

ނުހަނު ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދިވެހި އުއްމަތުގެ އިސްލާމީ އަގީދާއަށް ގޮންޖަހައިފި


ސިޔާސީޕާޓީތަކުގެ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އިންފޮމޭޝަން މިނިސްޓަރ އޮނަރަބްލް މުހައްމަދު ނަޝީދު އިސްނަންގަވައިގެންވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ދިވެހި މީޑިޔާއަށް މިއަދު ލިބިފައިމިވާ ކުޑަނަމަވެސް މިނިވަންކަމަކީ ސީދާ އޮނަރަބްލް ނަޝީދުގެ އަގުހުރި މަސައްކަތުގެ ނަތީޖާކަން ޔަގީނެވެ. ސަރުކާރުގެ ޓީވީން ސިޔާސީޕާޓީތަކަށް ދެއްވަން ފައްޓަވާފައިވާ ފުރުޞަތަކީ މިގޮތުން އޮނަރަބްލް ނަޝީދުގެ ފާހަގަކޮށްލެވޭ އަގުހުރި މަސައްކަތެކެވެ.

އިސްލާހު ކުރެވުނު ގާނޫނު އަސާސީގެ ފޮނިމީރުކަން ރައްޔިތުންނަށް


ރައްޔިތުންގެ ޚާއްސަ މަޖިލީހުން އިސްލާހު ކުރެއްވި ގާނޫނު އަސާސީ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ 'ދަރުބާރު' އޮގަސްޓް 7 ވަނަ ދުވަހު ބޭއްވުމަށް މިހާރު މިވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ތާރީޚުގައިވެސް މުޅި ގައުމަށް ސިޔާސީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނުވާނެ ގާނޫނު އަސާސީއެކެވެ. މުޅި ގައުމު އިންތިޒާރު ކުރަމުން ގެންދަނީ މިފަދަ ފުރިހަމަ ގާނޫނު އަސާސީއެއްގެ ފޮނި މީރުކަން ލިބިގަތުމަށެވެ.

އިއްތިހާދުގެ ވެރިޔަކީ އުމަރު ނަޞީރުބާ؟